ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ފެބްރުވަރީ 9 އިން 13 އަށް ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ދިމާވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާވެސް މެއެވެ.
މި ރަސްމީ މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ޖަރުމަނުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ "ޝްލޮސް ބެލްވިއު" ގައެވެ. މި ބައްދަލުކުރެއްވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ އެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މަތީ ފަންތީގެ ދާއިމީ މަޝްވަރާތަކާއި ރަސްމީ އެއްބަސްވުންތަކުގެ ޒަރީޢާއިން، ދެ ޤައުމަށް ލާބައާއި ފައިދާހުރި ދާއިރާތަކުން ދޭދޭ އަދި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމާ ގުޅޭގޮތުންނެވެ.




