ކުރިއަށް އޮތް ހަތަރު ދުވަހުވެސް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކުރަމުންދާ ކަމަށާއި، މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓުކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.




