ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުން އިތުރުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ތިމާވެށްޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
އެ ވުޒާރާއިން ބުނީ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިގޮތުން ރައީސް ޑރ.މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.
އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ މި ނިޒާމުތަކުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.




