ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމުކޮށް، ކެންސަރު ބަލީގެ ޚިދުމަތްތަކަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަހަރު، މާލެ ސަރަޙައްދުގައި ޞިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތާއި، ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފަށާނެކަމަށެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ އެކްޓެންޝަންގެ ގޮތުގައި 250 އެނދުގެ މަލްޓި-ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތާއި، ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމް.އާރް.އައި މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުމާއި، އޯ.ޕީ.ޑީ އަދި އީ.އީ.ޖީ ޚިދުމަތް ހިމެނޭހެން ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި، ސީ.އެކްސް.އެލް ސާޖަރީ ތަޢާރަފުކޮށް، އޮފްތަލްމޮލޮޖީ ޚިދުމަތް ފުޅާކުރުމާއި ޑެންޓަލް ލެބޯޓްރީއެއް ޤާއިމު ކުރުން މިއަހަރު ތެރޭގައި ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި، ދަރުމަވަންތަ ހޮސްޕިޓަލްގައި ވަކިން ކެތުލެބެއް ގާއިމްކޮށް، ނެޝަނަލް ކާޑިއެކް ސެންޓަރ ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި، ހުޅުވޭނެކަމަށާއި މި ސެންޓަރު ހުޅުވުމާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ އައު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅާލަންޖެހޭ ވަރަށް އަޅާނުލާ ކުރިން އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް، ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް ކުރިން ނުލިބޭ ޚިދުމަތްތަކާއިއެކު، ޚިދުމަތް އިތުރަށް ފުޅާކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް 2000ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ސަރުކާރުން އިސްކަންދޭ ދާއިރާ އެއްގެ ގޮތުގައި ދަރިމައިވުމާ ގުޅޭ ފަރުވާ ފާހަގަކުރައްވައި 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތްވުމާއި އެކު މިފަރުވާ ގިނަ ފަރާތްތަކުން ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އައި.ޖީ.އެމް.އެޗް.ގެ. ފަރޓިލިޓީ ސެންޓަރުން ''އައި.ޔޫ.އައި'' އަދި ''އައި.ވީ.އެފް'' ގެ ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 68 ފަރާތަކުން އައި.ވީ.އެފް. ފަރުވާ ފުރިހަމަ ކޮށް، 23 ފަރާތަކަށް އައި.ވީ.އެފް. ފަރުވާ ކާމިޔާބު ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ، ރާއްޖޭގައި ޒަމާންވީ ބޮޑު މައްސަލައަކަށް އަތުން ޚަރަދެއް ނުގޮސް ރާއްޖޭގައި ޢާއިލާއާ އެކު ތިބެގެން ލިބިގެން ދިޔަ ތާރީޚީ ކާމިޔާބީއެއް ކަމަށާއި، މި ސަރުކާރުން އުފެއްދި ފަރޓިލިޓީ ކެއަރ ފަންޑަށް ޖުމްލަ 30 މިލިއަން ރުފިޔާ ޖަމާކޮށް 93 ފަރާތަކުން މި ފަންޑުގެ އެހީގައި ފަރުވާ ހޯދާ، އޭގެ ތެރެއިން 20 ކުދިން އުފަންވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ފަންޑުން މިއަހަރު އައި.ވީ.އެފް ހެދުމަށް މިހާތަނަށް އިތުރު 35 ފަރާތެއްވަނީ ޝަރުތު ފުރިހަމަވާކަން ކަނޑައަޅާފައެވެ.
އިންސާނީ ވަސީލަތް ޤާއިމްކުރުމުގައި އެހެން އެއްވެސް ދާއިރާއަކަށް ނުދޭ އިސްކަން ސިއްޙީ ދާއިރާއަށް ދީ، އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތަށް 669 ޚިދުމަތްތެރީން، މާލެ ގްރޫޕް އޮފް ހޮސްޕިޓަލަށް 1042 ޚިދުމަތްތެރީން، ޖުމްލަ 1711 ޚިދްމަތްތެރީންނަށް މިހާތަނަށް ވަޒީފާ ހަމަޖައްސައިދެވިފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރު ހުޅުވޭ އެކި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލް ތަކާއި އިތުރު ކުރެވޭ އެކި ޚިދްމަތްތަކަށް އިތުރަށް ބޭނުންވާ ޖުމްލަ 1957 ޚިދުމަތްތެރީންނަށް އެންމެ އިސްކަންދީގެން މިއަހަރު ތެރޭގައި ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.




