ހަކަތަ އުފެއްދުމުގައި ޑީސަލަށް ބަރޯސާވެފައި އޮތް އޮތުމަކީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ހިރާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ސަރުކާރުން ބޭރު ފައިސާ އެންމެ ބޮޑަށް ހޭދަ ކުރަންޖެހޭ ކަންތައް ކަމުގައިވާ ހަކަތަ އަށް ކުރަންޖެހޭ ޚަރަދުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޑީސަލް އިމްޕޯޓުކުރުމަށް އަހަރަކު އެވަރެޖްކޮށް 443.6 މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭ ކަމަށެވެ. މީގެ ތެރެއިން ބޮޑުބަޔަކީ ކަރަންޓު އުފެއްދުމުގެ ބޭނުމަށް އެތެރެކުރެވޭ ތެލަށް ކުރަންޖެހޭ ޚަރަދު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަކަތަ އުފެއްދުމުގައި ޑީސަލަށް ބަރޯސާވެފައި އޮތް އޮތުމަކީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ނުވަތަ "އެނަރޖީ ސެކިއުރިޓީ" އަށް އޮތް އެންމެ ބޮޑު ހިރާސް ކަމަށްވާތީ، މިކަން ޙައްލުކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިސްބަތް 2028 ގެ ނިޔަލަށް 33 އިންސައްތައަށް މަތިކުރުމަށް އެމަނިކުފާނު އިޢުލާންކުރައްވާފައިވާ ކްލައިމެޓް މިޓިގޭޝަން ސިޔާސަތާ އެއްގޮތަށް ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަށް، ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ވަރާ ގާތަށްވެސް ސަމާލުކަންދީފައި ނުވާކަމަށާއި، މި ސަރުކާރު ފެށުނު އިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދަމުންދިޔަ މިންވަރު ހުރީ އެންމެ 4 ފަސެންޓް ނުވަތަ 53 މެގަވޮޓުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން، ވޭތުވެދިޔަ 2 އަހަރު ތެރޭގައި މި އަދަދު 110 މެގަވޮޓަށް އިތުރު ކޮށްފައިވާކަމަށާއި އަމާޒަކީ މި އަހަރުގެ ނިޔަލަށް މި ޢަދަދު ދެގުނަކޮށް، ޖުމުލަ 220 މެގަވޮޓަށް އިތުރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ 2028 ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ހިފާފައިވާ އަމާޒުގެ 50 އިންސައްތަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހަކަތަ އުފައްދާ ވަސީލަތްތައް ސިންދަފާތުކުރުމުގެ ގޮތުން ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ތަފާތު ގިނަ މަޝްރޫޢުތައް މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި ސިޓީތަކާއި ރަށްތަކުގައި މިއަހަރު ކުރިޔަށް ގެންދިޔުމަށްވަނީ ނިންމާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢުތައް ވެގެން ދާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ބޭރުފައިސާ ބޭނުންވާ މިންވަރު ދަށްކުރުމަށް މަގުފަހިކޮށްދޭ ފިޔަވަޅުތަކަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




