ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޘަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2 ގެ ރ. އަތޮޅުގައި އިތުރު ރޫޓެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި އައު ރޫޓުގެ ސަބަބުން ރ. އުނގޫފާރާއި ރ. ދުވާފަރާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި މި އައު ރޫޓުގެ ޚިދުމަތް 5 ފެބުރުވަރީ 2026 އިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި ރޫޓުގައި ދަތުރުކުރާނީ ޖުމުލަ 25 ފަސިންޖަރުންނާއެކު ދަތުރުކުރެވޭ ފެރީއެކެވެ. މި ފެރީގެ ދެ ސީޓު އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ރޫޓުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ހަފުތާއަކު ހަ ދުވަހު އެވެ.
އެމްޓީސީސީން ވަނީ މިކަމާ ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އިން ލިބޭނެ ކަމަށް ބުނެފައެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ރ. އަތޮޅަށް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.




