Monday, November 2
ފިނޭންސް އިން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ޕްރޮޕޯޒަލް އިން ޕެންޝަން ފަންޑަށް ގެއްލުމެއް ނުވާނެ: ޕެންޝަން އޮފީސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް އިން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓް ޕްރޮޕޯޒަލް އިން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަޤީންކަން ޕެންޝަން އޮފީހުން މިއަދު ދީފިއެވެ. ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭގެ ސަބަބުން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ. ޕެންޝަން އޮފީހުން ގެ ބަޔާނުގައި ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ. އެ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ، މިހާތަނަށް ޕެންޝަން ސްކީމުން އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދާނެ ކަމަށާއި މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. ޕެންޝަން އޮފީހުން އިތުރަށް ބުނެފައިވަނީ، މި މުއާމަލާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން، ކޮންސަލްޓަންޓުންގެ ލަފައާ އެއްގޮތަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު