މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރެވޭނެ ކަމަށާއި، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
ޕެންޝަން އޮފީހުގެ ޗެއަރޕަރސަން ކަމަށް މީހަކު ހޯދަން އިޢުލާންކޮށްފައި މިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޑރ. އަޙްމަދު އިނާޒު އެ މަޤާމުން އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިސްތިއުފާދެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
އަދި، އެމްއެމްއޭ މެދުވެރިކޮށް މި މުޢާމަލާތަށް ފައިސާ ހޯދުމަކީ އިޤުތިޞާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ޤަބޫލުކުރައްވާތީ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އިނާޒު ވިދާޅުވެފައިވެއެވެ.




