އާދިއްތަ, October 11
ކާރު ދޮރުތަކުގައި "ފޮރުވިފައިވާ" އަތްގަނޑުތައް ލުން ޗައިނާއިން މަނާކުރަނީ

2018 ޓެސްލާ މޮޑެލް 3 ގެ ކާރެއްގެ އަތްގަނޑު - ފޮޓޯ: މައިކް ބްލޭކް / ރޮއިޓާސް

ޗައިނާގައި ވިއްކާ ހުރިހާ ކާރެއްގައި ފޮރުވިފައިވާ ދޮރުގެ އަތްގަނޑުތައް ބޭނުންކުރުން މަނާކުރަން އެ ޤައުމުންނިންމައިފިއެވެ. ޗައިނާއަކީ މިފަދަ ޑިޒައިންތަކަކީ ސަލާމަތީ ގޮތުން ނުރައްކާތަކެއް ހުރި ކަމެއް ކަމަށް ބުނެ، ދުނިޔޭގައި މި ފީޗާ މަނާކުރާ ފުރަތަމަ ޤައުމެވެ.

މިފަދަ އަތްގަނޑުތަކަކީ ޓެސްލާގެ އުޅަނދުތަކުގެ ޚާއްޞަ ސިފައެކެވެ. މި ނިންމުން އައިސްފައި މިވަނީ، ޓެސްލާގެ ދުނިޔޭގެ ސޭލްސް ދަށަށް ގޮސް، އެ ކުންފުނީގެ ދެވަނައަށް އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާގައި އެހެން ކުންފުނިތަކާ ބޮޑު ވާދަވެރިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި އުޅަނދުތަކުގެ ބޭރުން ފެންނަން ހުންނަ އިލެކްޓްރިކް އަތްގަނޑުތައް ހުންނަނީ ދޮރުގެ ބޭރު ތޮށިގަނޑާ އެއްވަރުކޮށްލާފައެވެ. އެހެންކަމުން ދޮރު ހުޅުވުމަށްޓަކައި އަތްގަނޑަށް ފިތާލަން ޖެހެއެވެ. އަދި ކާރުގެ އެތެރެއިން ދޮރު ހުޅުވަނީ ބަޓަނަކަށް ފިތާލައިގެންނެވެ.

ޓެސްލާއަކީ މި ފަރުމާއަށް އެންމެ މަޝްހޫރު ކުންފުނި ކަމަށްވީ ނަމަވެސް، ޗައިނާގެ އެހެން އީވީ އުފައްދާ ކުންފުނިތައް ކަމަށްވާ ޝައޯމީ އަދި އޭއިއޯން ފަދަ ކުންފުނިތަކުގެ ބައެއް މޮޑެލްތަކުގައި ވެސް މި ފަރުމާ ބޭނުންކުރެއެވެ. އައު ސިޔާސަތުގައި ވަކި ކުންފުންޏެއްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް، ޗައިނާގައި ވިއްކާ ހުރިހާ ކާރެއްގެ އެތެރެއާއި ބޭރުގެ ދޮރުގެ އަތްގަނޑުތަކުގައި މެކޭނިކަލްކޮށް (އަތުން) ހުޅުވޭނެ އިންތިޒާމެއް ހުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ އަތްގަނޑުތައް ބޭނުންކުރުމުގައި ހުރި ދަތިތަކާއި، ހާދިސާއެއް ހިނގާ ވަގުތު ދޮރު ނުހުޅުވޭ މައްސަލަތަކަށް ރިއާޔަތްކޮށް، އަތްގަނޑުތައް ހުންނަންޖެހޭނެ ވަކި މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން، ބޭރުގެ އަތްގަނޑުތަކަކީ ކޮންމެ ކަނަކުން ވެސް އަތުން ހިފާލައިގެން މެކޭނިކަލްކޮށް ހުޅުވޭނެހާ ޖާގަ ހުރި އަތްގަނޑުތަކަކަށް ވާންޖެހޭނެއެވެ. އަދި އެތެރޭގެ އަތްގަނޑުތަކަކީ އެ ގޮނޑިއެއްގައި އިންނަ މީހަކަށް ސާފުކޮށް ފެންނަން ހުންނަންޖެހޭނެ އެއްޗެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި އައު ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު