Thursday, November 12
ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވުމުން އިންޑިއާގެ މުދަލުން ނަގާ ޓެރިފް %18 އަށް ކުޑަކުރުމަށް ޓްރަމްޕް ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ މުދަލުން ނަގަމުންދިޔަ %50 ގެ ޓެރިފް %18 އަށް ކުޑަކުރުމަށް ނިންމަވައިފިއެވެ. މީގެ ބަދަލެއްގެ ގޮތުން އިންޑިއާއިން ވަނީ ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށާއި، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލުގައި އެމެރިކާ އާއި ވެނެޒުއޭލާއިން ތެޔޮ ގަތުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށްފަހު ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ބޮޑުވަޒީރު މޯދީއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމާއި ކުރާ އިހުތިރާމެއްގެ ސަބަބުންނާއި، މޯދީގެ އެދިލެއްވުމުގެ މަތިން، އެމެރިކާ އާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. މީގެ ދަށުން %25 ގައި ހުރި "ރެސިޕްރޯކަލް ޓެރިފް" (ދެފަރާތުން އެއްވަރަކަށް ނަގާ ޓެކްސް) ވަގުތުން %18 އަށް ކުޑަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، މީގެ ކުރިން އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބެއްގެ ގޮތުން ނަގަމުންދިޔަ %25 ގެ ޑިއުޓީ މިހާރު ވަނީ އުވާލާފައެވެ. މީގެ އިތުރުން ކުރިންވެސް ނަގަމުންދިޔަ %25 ގެ ޓެރިފް ރޭޓް ވަނީ %18 އަށް ދަށްކޮށްފައެވެ.

މީގެ އިތުރުން، އެމެރިކާގެ ހަކަތަ، ޓެކްނޮލޮޖީ، ދަނޑުވެރިކަން އަދި އެހެނިހެން އުފެއްދުންތަކަށް ޖުމްލަ 500 ބިލިއަން ޑޮލަރަށްވުރެ ގިނައިން އިންޑިއާއިން ހަރަދުކުރުމަށް މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާތް ރަހުމަތްތެރިޔާ ރައީސް ޓްރަމްޕާ މިއަދު ވާހަކަދައްކާލެވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އިންޑިއާގެ އުފެއްދުންތަކުން ނަގާ ޓެރިފް %18 އަށް ކުޑަކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ނިންމެވުމަށްޓަކައި އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ ނަމުގައި ޓްރަމްޕަށް ޝުކުރު އަދާކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

"ސެންޓަރ ފޮރ އަ ނިއު އެމެރިކަން ސޮސައިޓީ" ގެ އެޑްޖަންކްޓް ސީނިއާ ފެލޯ ރޭޗަލް ޒިއެމްބާ ވިދާޅުވި ގޮތުގައި، މިއީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އައި އެއްބަސްވުމެކެވެ. %18 ގެ ޓެރިފަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މުދަލުން އެމެރިކާގައި ނަގާ މިންވަރާ ގާތްކުރާ އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ބައެއް މާހިރުން ވިދާޅުވާ ގޮތުގައި، މިއީ ހަމައެކަނި ޓެރިފާ ގުޅޭ ނިންމުމެއްތޯ ނުވަތަ ފުރިހަމަ ވިޔަފާރީގެ އެއްބަސްވުމެއްތޯ ބުނަން އަދި މާ އަވަހެވެ.

"އޭޝިއާ ޕެސިފިކް ފައުންޑޭޝަން އޮފް ކެނެޑާ" ގެ ވައިސް ޕްރެޒިޑެންޓް ވިނާ ނަޖީބުއްލާ ފާހަގަކުރެއްވި ގޮތުގައި، ބޮޑުވަޒީރު މޯދީ މި ނިންމުމަށް މަރުހަބާ ވިދާޅުވި ނަމަވެސް، އެމެރިކާގެ މުދަލުން އިންޑިއާއިން ނަގާ ޓެރިފް ކުޑަކުރާނެ ކަމަށް ޓްރަމްޕް ކުރެއްވި ދައުވާ މޯދީ ތަކުރާރު ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން މިއީ މިވަގުތަށް ޓެރިފް ކުޑަކުރުމުގެ މައްޗަށް ބިނާވެފައިވާ މުހިންމު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު