ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ކެމްޕޭން، "ލޭފަވެތި ފެނަކަ"، އައްޑޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.
ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް ހުރިހާ އަތޮޅެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ފަށާފައިވަނީ 23 ޑިސެންބަރު 2025 ގައި މާލޭ ހެޑް އޮފީހުގައި ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތަކުންނެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި ލޭ ލިބުމުގައި ދަތިތަކެއް ދިމާވެ، އާންމުންގެ އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅާ ދިމާކޮށް، މި ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އައްޑޫ ސިޓީގައި ފެނަކައިގެ ލޭ ހަދިޔާކުރުމުގެ ކެމްޕޭން ކުރިއަށްގެންދިއުމަށް ތާވަލުކޮށް، ކެމްޕޭން ހިންގުމަށް ވާންޖެހޭ ތައްޔާރީތައް މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ވަމުންދާ ކަމަށެވެ.
ފެނަކައިން ބުނާ ގޮތުގައި އައްޑޫގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފެނަކަ މުވައްޒަފުންނާއި، ޢާއިލާތަކުގެ އިތުރުން އާންމުންނަށްވެސް ބައިވެރިވެ ލޭ ހަދިޔާ ކުރެވޭ ގޮތަށެވެ.






