ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ބަލަން ނަގާ ރެފަރެންޑަމް، ކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ވަކިން، ބާއްވާ ނަމަ އެކަަމަށް 60 މިލިއަނާއި 80 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު މިހެން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައިވާގޮތުން، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގަ އާއި ގައުމީ މުހިންމު މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދުމުުގެ ވޯޓު ނެގޭނެއެވެ.
ކޮމިޓީ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ، އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ހިސާބުން، ކެބިނެޓްގެ ލަފަޔާ އެއްކޮށް އެކަމާބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައީސުލް ޖުމްހޫރިއްޔާގެ ގަރާރެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރައްވާނީ އެ ވޯޓަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެން އެކަން އޮއްވައި އަންނަ މާޗް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ލުމާއެކު، އެ ރެފަރެންޑަމްގެ ވޯޓު ނެގުން ބާއްވުމާ ބެހޭގޮތުން ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި އެ ބިލްވެސް މަޖިލީހަށް ހުށަހެޅި އެ ޕާޓީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ރޭ ވާހަކަ ދައްކަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުގައި މަދުވެގެން 45 ދުވަސް ދިނުމަށް ބަޔާންކޮށްފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއެކު އެ ވޯޓު ނެގޭނީ އެންމެ ލަސްވެގެން މި މަހުގެ 18ވަނަ ދުވަހު ޤަރާރު ހުށަހަޅައިގެން ކަމަށެވެ. އަދި އެ އިންތިޚާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހުނު ނަމަވެސް އިދާރީ ގޮތުން އެ ކޮމިޝަން ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، މިފަދަ ވޯޓެއް ނަގާއިރު ރައްޔިތުންނަށް އޭގެ މައުލޫމާތު ސާފުކޮށްދޭން އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެންވެ، ވީހާވެސް އަވަހަށް ވޯޓު ނެގުމަށް ޤަރާރު ހުށަހެޅުމަށް އެދިވަޑައިގެންނެވިއެވެ.
އެއާ ގުޅުވައިގެން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެ އިންތިހާބުތަކުގެ ވޯޓުލުމާއެކު ރެފަރެންޑަމް ކުރިއަށް ގެންދަން ބޭނުންވަނީ 20 މިލިއަން ރުފިޔާ ކަމަށެވެ.
އެއީ ވޯޓަށް ބޭނުންވާ އިތުރު ކަރުދާސް ޗާޕް ކުރުމަށާއި، ކައުންސިލްތަކާއި ޑަބްލިއުޑީސީ އިންތިހާބުތަކަށް ބޭނުންވާ ވޯޓު ފޮށިތައް މިހާރު ރަށްރަށަށް ފޮނުވާފައިވާ އިރު، ހިޔާލު ހޯދުމުގެ ވޯޓަށް ބޭނުންވާ އިތުރު ވޯޓު ފޮށިތައް އަލުން ތަންތަނަށް ފޮނުވުމަށާއި، އޮޮފިޝަލުން އިތުރަށް ނެގުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރިފަރެންޑަމް ވަކިން އެހެން ތާރީހެއްގައި ބާއްވާ ނަމަ އެކަމަށް 60 މިލިއަން ރުފިޔާ އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދުވާނެ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.





