Monday, November 2
އުރީދޫއިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގައި ބޭނުންކުރާ ޚާއްޞަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި ރަސްމީކޮށް އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ހަމާދީއެވެ. އެމްއެންޑީއެފް ގެ ފަރާތުން މި ތަކެއްޗާ  ހަވާލުވެވަޑައިގެންނެވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން އެވެ.

އުރީދޫއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ؛

  • 1 އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓް
  • 1 ލޫބެލް ލެބް އަންޑަރ ވޯޓަރ ލައުޑްސްޕީކަރ
  • 3 އޯޝަން ރީފް ފުލް ފޭސް، ފޭސް 2 ޑައިވިންގ މާސްކެވެ.

މި އިކްއިޕްމެންޓް ތަކަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. އަދި މީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އުރީދޫ މޯލްޑިވްސްއިން ވެދެއްވި މި ދީލަތި އެހީއަށްޓަކައި އެ ފަރާތަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވައި، ކަނޑުގެ މާހައުލަށް ބިނާވެފައިވާ މިފަދަ ގައުމެއްގައި، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އަދި ކަނޑުއަޑީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މިއިކްއިޕްމަންޓް ތަކަކީ ނުހަނު ބޭނުންތެރި އިކްއިޕްމަންޓްތަކެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އުރީދޫއިން ދެއްވާ މެދުކެނޑުމެއްނެތް އެއްބާރުލުން ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ވާހަކަފުޅުގައި  ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެއްކަމާއި އަދި އެމްއެންޑީއެފުން ކުރައްވާ ބުރަ މަސައްކަތަކީ ގައުމީ ސަލާމަތަށް ނުހަނު މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވި. އެގޮތުން ޑައިވަރުންގެ ސަލާމަތާއި ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް މިތަކެތި ހަދިޔާކުރެވުމަކީ އެ ފަރާތުން ފަޚުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އުރީދޫގެ އަމާޒަކީ މުޖުތަމަޢުއަށް ފައިދާހުރި، ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުންކަން ވެސް ފާހަގަކުރައްވިއެވެ.

އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް އައު އީޖާދުތައް ތައާރަފުކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡްއާއި ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު