Thursday, November 12
ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުވުމަށް ސީޕީ އިލްތިމާސްކޮށްފި

ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީން އިލްތިމާސްކޮށްފިއެވެ.

ސީޕީ މިފަދައިން އިލްތިމާސްކުރެއްވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

މިގޮތުން ސީޕީ ވިދާޅުވީ ދިރާސީ އައު އަހަރެއް ފެށުމަކީ އައު އުއްމީދުތަކަކާއި، އައު އަޒުމްތަކަކާއި އަދި ކުރިއަށް ދިއުމަށް އައު ފުރުސަތުތަކެއް ލިބިގެންދާ މުހިންމު ވަގުތެއް ކަމަށާއި، މިއީ ތިޔަ ކުދިންގެ މުޅި ހަޔާތަށް ބޭނުންވާނެ މުހިންމު ސިފަތަކާއި އިލްމު އުނގެނުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

"ތައުލީމަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ އެއްޗެއް ނޫން. އެއީ އަހުލާގާއި، އަދަބުވެރިކަމާއި، ޒިންމާ އުފުލުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްކުރުން. މި ސިފަތަކަކީ އަމާން އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއް"، ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވަނީ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން އަދި އާންމު ރައްޔިތުން ގުޅިގެން، ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ކުރާ ދަތުރަކީ އަމާން އަދި އުފާވެރި ދަތުރަކަށް ހެދުމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ. އަދި ވަކިން ހާއްސަކޮށް، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވައިފައެވެ.

"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައްޔާއި، އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ"، ސީޕީގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު