Monday, November 2
ކާރިސާތަކާ ގުޅޭ މައުލޫމާތު ބަލަހައްޓާ ޑިޖިޓަލް ޕްލެޓްފޯމް އިފްތިތާހްކޮށްފި

ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކޮށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، "ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ) ޕްލެޓްފޯމް އިފްތިތާހްކޮށްފިއެވެ.

ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޑާލާ ޕްލެޓްފޯމް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްގެ އެހީތެރިކަމާއެކު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން މިއަދު ތަޢާރަފްކުރި "ޑާލާ" ޕްލެޓްފޯމަކީ ކާރިސާތަކުގައި ލިބޭ ގެއްލުންތައް ރިފޯޓުކުރުން ޑިޖިޓަލްކޮށް، ކާރިސާތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ނިޒާމު ހަރުދަނާކުރުމަށް ފަރުމާކޮށްފައިވާ ގައުމީ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން، މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކާރިސާތަކުގެ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓުކުރެވޭނެއެވެ. އަދި ލިބުނު ގެއްލުންތަކުގެ ހިސާބުތައް އޮޓޮމެޓިކުން ތައްޔާރުކުރުމާއި ގެއްލުން ވަޒަންކުރުމުގެ ސައްހަކަން އިތުރުވެ އަވަސްވެގެންދާނެއެވެ.

މި ބަދަލާއެކު އެންމެ ބޮޑު ފަސޭހަކަމެއް ލިބޭނީ، ކާރިސާތަކާ ގުޅިގެން އެހީތެރިކަމަށް އެދޭ ފަރާތްތަކަށެވެ. އެގޮތުން ފަސޭހަކަމާއެކު ޕޯޓަލް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅޭނެއެވެ. އަދި އެހީގެ ކަންކަން ކުރިއަށްދާގޮތާއި ހުށަހަޅާފައިވާ މައުލޫމާތު ބަދަލުކުރުން ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް އެފަރާތްތަކަށް ލިބޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކާރިސާތަކަށް އިޖާބަދިނުމާއި އިއާދަކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެގެންދާނެއެވެ.

މީގެ އިތުރުން، ޑާލާ ޕޯޓަލްގެ މުހިންމު އެއް ސިފަޔަކީ ކާރިސާގެ ބާވަތްތަކާއި ގެއްލުން ލިބުނުކަމަށް ރިޕޯޓުކުރެވުނު ދާއިރާއާއި ސަރަހައްދާއި އާބާދީގެ ގިންތިތަކާއި މުދަލުގެ ބާވަތްތަކަށް ބަލައި ވަކިވަކިން މައުލޫމާތު އެއްކުރުމުގެ ގާބިލުކަމެވެ. މީގެ ސަބަބުން ކާރިސާތަކުގެ އަސަރުތައް ފުންކޮށް ދެނެގަނެވި، އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމަށާއި، ރޭވުންތެރިކަން އިތުރުކުރުމާއި، އަދި ހަމަހަމަކަމާއެކު އިއާދަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

ޑާލާ އަކީ ހަމައެކަނި ޑިޖިޓަލް ނިޒާމެއް ނޫން. މިއީ ސަރުކާރުގެ "ޑިޖިޓަލް މޯލްޑިވްސް 2.0" ސިޔާސަތަށް އޮތް އިތުބާރު ރަމްޒުކޮށްދޭ ޕްލެޓްފޯމެއް — މިއީ މުއައްސަސާތައް ހަރުދަނާކުރުމަށާއި ކާރިސާތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރުން. ޑާލާގެ ސަބަބުން ކާރިސާތަކުގެ މައުލޫމާތަކީ ގައުމީ ރައުސްމާލަކަށް ބަދަލުވެ، ހިންގުމުގެ ނިޒާމާއި، ޖަވާބުދާރީވުމާއި، އަދި ވިލުންތެރިކަމަށް ބާރުލިބިގެންދާނެ،" އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.

ޑާލާ ޕޯޓަލް އިފްތިތާހުކުރުމަކީ ގައުމީ ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުން ހަރުދަނާކުރުމަށާއި، އަވަސް، އަދި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު