Friday, November 13
ޚާރިޖީ ވަޒީރު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރު އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ‎

ވަޒީރުގެ މެސެޖުގައި އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގަޔާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރަށާއި، އިންޑިއާގެ ސަރުކާރަށް އަދި އިންޑިއާގެ އެކުވެރި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުން ރަމްޒުކޮށްދެނީ، ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި، އެންމެން ޝާމިލުވާ ގޮތަށް ޤައުމު ތަރައްޤީކުރުމަށް އިންޑިއާއިން ދެމުންގެންދާ އަހަންމިއްޔަތުކަން ކަމަށާއި، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގަޔާއި، ޒަމާންވީ ޙަޟާރަތެއް އޮތް ޤައުމެއްގެ ގޮތުން، މި ސަރަޙައްދުގެ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކޮށް، ގުޅުން ބަދަހިކުރުމުގައި އިންޑިއާއިން އަދާކުރަމުންދަނީ މުހިންމު ދައުރެއް ކަމަށެވެ.

އަދި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ދޭދޭ ގުޅުންތަކަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއިން ދައްކުވައިދެނީ ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި، ދެޤައުމުގެ ގުޅުން ބިނާވެފައިވާ މައިގަނޑު އަސާސްތަކުގެ ވަރުގަދަކަން ކަމަށެވެ.

"މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމަށް އެދި، އަދި އިންޑިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދި، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް މި ފުރުޞަތުގައި އަރިސްކުރަން. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރާއި އިޙްތިރާމް ޤަބޫލުފުޅުކުރެއްވުން އެދެން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު