Monday, November 2
މާޅޮހު ހައިބްރިޑް ނިޒާމުން އަހަރަކު 455 ޓަނުގެ އެމިޝަންސް މަދުކުރެވޭނެ: މިނިސްޓްރީ

ބ. މާޅޮސް: މި ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.މިކަމުން އަހަރަކު 1.8 ލައްކަ ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރުމަންޓުން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން މާޅޮހުގައި 396 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި، 716 ކިލޯވޮޓް އަވާ (kWh) ގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ދަނީ ހަރުކުރެވެމުންނެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ކަރަންޓު ގްރިޑްގެ ހަމަޖެހުން ގާއިމުކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

މި ނިޒާމު ފުރިހަމަވެ އަމަލީގޮތުން ބޭނުންކުރަން ފެށުމުން، ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި އަހަރަކު ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 185,837 ލިޓަރު ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރެއިން އަހަރަކު 455 ޓަނުގެ އެމިޝަންސް މަދުކުރެވިގެންދާނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ސަބަބުން މާޅޮހުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު