Monday, November 2
ރޯދަމަހު މާލޭގައި 37 ދިވެހި ހާފިޒަކު އިމާމުވެ ތަރާވީހް ނަމާދު ކުރާނެ: މިނިސްޓަރ

މިފަހަރު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެތެރޭގައި ގިނައީ ޒުވާން އަދި ރީތިކޮށް ޤުރުއާން ކިޔަވާ ޙާފިޡުންކަމަށެވެ. ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް އެ ފުރުޞަތު ހުޅުވާލީ ނޮވެމްބަރު މަހުއެވެ. މި މަސައްކަތް ކުރަނީ ކައުންސިލްތަކާ ގުޅިގެންނެވެ. ވަޒީރު ވިދާޅުވީ މިފަހަރު ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދޭނެކަމަށެވެ. އެ ދެ މިސްކިތުގައިވެސް އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުންނެވެ. ވަޒީރު ވިދާޅުވީ ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފަވާކަމަށާއި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެކަމަށެވެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ. ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް (ގަލޮޅު ދަނޑު ކުރިމަތި)، އެ މިސްކިތުގައި މިފަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބަރުބަރީ މިސްކިތުގައި ކުރުކޮށް ނަމާދުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ވަޒިރު ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ނަމާދު ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބަންދުވެ ރައްޔިތުންނާއި ދުއްވާ އުޅަނދުތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ އަމާޒަކީ 2027 ވަނަ އަހަރު މާލެ ސަރަޙައްދުގައި ތަރާވީސްކުރާ ހުރިހާ މިސްކިތްތަކުގެ އިމާމުންނަކީ ދިވެހިންނަށް ހެދުންކަމަށެވެ. މިހާރު މާލޭގެ ބައެއް މިސްކިތްތަކަށް ރަމަޟާން މަހު ބޭރުގެ ޙާފިޡުން ގެނެއެވެ. މާލޭ ސަރަޙައްދުގައި 47 މިސްކިތުގައި ނަމާދުކުރެއެވެ. މީގެތެރެއިން ގިނަ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު