Monday, November 2
އުންރުވާގެ އިމާރާތްތައް ސުންނާފަތިކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި

ގުދުސްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ. ގެ ޖަމިއްޔާއެއް ކަމަށްވާ އުންރުވާގެ މައި މަރުކަޒުގައި ހުރި އިމާރާތްތަކެއް ސުންނާފަތިކޮށްލި މައްސަލަ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް ސަރަހައްދުގައި ހުންނަ އުންރުވާގެ އިމާރާތްތަކަށް އަމާޒުކޮށް ސަހުޔޫނީން ދިން މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.

ސަހުޔޫނީންގެ މި އަމަލަކީ އދ. އާއި ބައިނަލްއަގުވާމީ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސްއަޅައި، އެ މަސައްކަތްތަކުގެ އަގުވައްޓާލުމަށް ހިންގި ހަރުކަށި އަމަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން، މިއީ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ނެރެފައިވާ އަމުރުތަކާ ވެސް ހިލާފު ކަމެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ސަހުޔޫނީންގެ މިފަދަ އަމަލުތަކުގެ ސަބަބުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އުންރުވާއިން އަދާކުރާ މުހިންމު ދައުރަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ސަހުޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެ މީހުން ޖަވާބުދާރީކުރުވުމަށް ބާރުއެޅުމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ދިވެހިރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތުން ޝެއިހް ޖަރާހުގައި ހުންނަ އަންރުވާގެ އިމާރާތްތަކަށް ހަމަލާ ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު