Friday, November 13
މިދިޔަ އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު 73.5 އިންސައްތަ ކުޑަ

2025 ވަނަ އަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 73.5 އިންސައްތައިގެ ދަށްވުމެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި ޑިސެންބަރު 2025 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.

2025 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ.

އަންދާޒާތަކަށްވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވެއެވެ.

މީގެ އިތުރުން، ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ.

އަދި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު