Thursday, November 5
ކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެށްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް ފަތުުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ކެންދޫގައި 249ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 344 ކިލޯވޮޓް އަވަރގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރެވޭނެ ކަމަށާއި، މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރާސާވާ މިންވަރު ކުޑަކުރުން ކަމުގައިވެސް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ނިޒާމު އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ކެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 117،181 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި، މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 287 ޓަނުގެ އެމިޝަން މަދުކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ކެންދޫގައި ސޯލާ ފޮޓޯވޮލްޓެއިކް ހަކަތަ ހިމެނޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު