Friday, November 13
ސްޕެއިންގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ

ދެކުނު ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރާ ދެ ރޭލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 21 މީހުން މަރުވެ، 30 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް، ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިދިޔަ މެއި މަހު އާބާތުރަ ފިލުވައި މަރާމާތުކޮށްފައިވާ ސީދާ ދަގަނޑު މަގަކުން ރޭލު ކަސާލައިގެން ދިއުމަކީ ވަރަށް ހައިރާންކުރަނިވި ކަމެކެވެ.

ރޭލު ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ އޭޖެންސީ "އޭ.ޑީ.އައި.އެފް" އިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 (އެގައުމުގެ ގަޑިން 19:45) ހާއިރު ކޯޑޯބާ ކައިރިންނެވެ. މަލާގާ އިން މެޑްރިޑަށް 300 އެއްހާ ފަސިންޖަރުންނާއެކު ދަތުރުކުރި ރޭލެއްގެ ފަހަތު ބައި ދަގަނޑުން ކަސާލައިގެން ގޮސް، މެޑްރިޑުން ހުއެލްވާ އަށް 200 އެއްހާ ފަސިންޖަރުންނާއެކު ދަތުރުކުރި ރޭލެއްގައި ވަނީ ޖެހިފައެވެ.

ސްޕެއިންގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޑްރިޑުން ހުއެލްވާ އަށް ދަތުރުކުރި ރޭލުގެ ޑްރައިވަރު ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ. އަދި މި ހާދިސާގައި ޖުމްލަ 100 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެގައުމުގެ މީޑިއާ ތަކުން ބުނެއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ޕުއެންޓޭ ވިދާޅުވީ، ސީރިއަސް އަނިޔާތައް ލިބުނު 30 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި، އަނިޔާވި ހުރިހާ އެންމެން މިހާރު ވަނީ ފަރުވާ ދިނުމަށްޓަކައި އެ ސަރަހައްދުން ނެރެފައި ކަމަށެވެ.

އަންދަލޫސިއާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދަށް ފަސް މޮބައިލް އައި.ސީ.ޔޫ ޔުނިޓާއި، ކުއްލި ފަރުވާދޭ ހަތަރު ޔުނިޓްގެ އިތުރުން ގިނަ އަދަދެއްގެ އެމްބިއުލާންސް ވަނީ ފޮނުވާފައެވެ.

އަންދަލޫސިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ހުއާންމާ މޮރޭނޯ ސޯޝަލް މީޑިއާގައި ވިދާޅުވީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުތަކުން އެންމެ އިސްކަމެއް ދެމުންދަނީ އަނިޔާވި މީހުންގެ ހާލަތު ރަނގަޅުކޮށް، ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ބަދަލުކުރުމަށް ކަމަށެވެ. އަދި މި ހާދިސާގެ އަސަރު ކުރި ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ފޮނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭ.ޑީ.އައި.އެފްގެ މުވައްޒަފުންވެސް ދަނީ ކުއްލި ހާލަތްތަކުގައި އެހީތެރިވާ ފަރާތްތަކާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު