Friday, November 13
ހުއްދަ ނެތި ބޭސް ވިއްކާ ފާމަސީތަކަށް ފިޔަވަޅު އަޅަމުންދާނަން: އެމްއެފްޑީއޭ

ހުއްދަ ނެތި ބޭސް ވިއްކާ ފާމަސީތަކާއި، ބޭސް ވިއްކުމުގެ ހުއްދަ ލިބިފައިވާ ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ ލިބިގެން ކަމަށެވެ.

މީގެ އިތުރުން، ބޭސް ވިއްކާ ފާމަސީތަކާއި ފާމަސީތައް އެ އޮތޯރިޓީގައި ރަޖިސްޓްރީުކޮށް، ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތް ކުރެވޭނީ އެ އޮތޯރިޓީން ހުއްދަ ލިބިގެން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މިގޮތުން ފާމަސީތަކުގައި އެމްއެފްޑީއޭ އިން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި، ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތް ކުރާއިރު ފާމަސިސްޓް އައިޑީ ކާޑު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އަދި ފާމަސީތަކުން ބޭސް ބައްލަވައިގަންނަވާއިރު، ތިރީގައިވާ ކަންކަމަށް ބެއްލެވުމަކީ ކޮންމެ ފަރުދެއްގެވެސް ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، މިފަދަ ކަންކަމުގައި އަމިއްލައަށް ޒިންމާ ނެންގެވުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

  • ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރުމަށްޓަކައި، ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން.
  • ބޭސް ދޫކުރަން ހުރީ އެކަމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި، ބޭސް ވިއްކުމަށް އެމްއެފްޑީއޭ އިން ދޫކޮށްފައިވާ ފާމަސިސްޓެއްކަން އަންގައިދޭ އައިޑީ ކާޑު އަޅާފައި ހުރިތޯ ބެލުން.
  • ނެންގެވި ބޭހަކީ މުއްދަތު ހަމަނުވާ ބޭސް ކަމުގައި ކަށަވަރުކުރުމަށްޓަކައި ބޭހުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚު ބެލުން.
  • ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައިދީ ސާފުކޮށް ލިޔެފައިވޭތޯ ބެލުން.
  • ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރި ގޮތަކަށްތޯ ބެލުން (މިސާލަކަށް ފިނީގައި ބަހައްޓަން ޖެހޭ ބޭސް ދޫކުރާއިރު އައިސް ޕެކް ފަދަ ތަކެތި އަޅައި ޕެކްކޮށްފައިވޭތޯ ބެލުން)

އެހެންކަމުން، ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި، ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީތަކާއި، ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީ ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު