Friday, November 13
ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ބ. ފެހެންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ފެހެންދޫގައި 250 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537 ކިލޯވޮޓް އަވަރގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރެވޭނެ ކަމަށާއި، މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރާސާވާ މިންވަރު ކުޑަކުރުން ކަމުގައިވެސް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ނިޒާމު އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ފެހެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި، މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 288 ޓަނުގެ އެމިޝަން މަދުކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ފެހެންދޫގައި ސޯލާ ފޮޓޯވޮލްޓެއިކް ހަކަތަ ހިމެނޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު