Friday, November 13
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ، މުޙައްމަދު ނަޢީމް ޙުސައިން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ. އަދި މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. "ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި  ދުޢާކުރަން. އާމީން."، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ނައީމަކީ, ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި, މީގެ 59 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ. ނައީމު ނިޔާވީ ބަލިވެ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް, މިދިޔަ އާދިއްތަ ދުވަހުއެވެ. ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ. ނިޔާވިއިރު އުމުރަކީ 74 އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު