Saturday, October 31
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހުނަސް އެލަވަންސް ނުކަނޑާނެ: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަޖެހުނު ކަމުގައިވިޔަސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް ކަނޑާނުލާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

"ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 ކުދިންނަށް ވަޒީފާގެ ފުރުސަތު އެކި އިދާރާތައް މެދުވެރިކޮށް ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އުނިވެގެން ހިނގައިދާނެކަމުގެ ކަނބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، އެހެންނަމަވެސް، އެ އެލަވަންސަކީ ޤާނޫނުގެ ތެރެއިން ދޭ އެއްޗެއް ކަމަށާއި ޤާނޫނޫގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ހުއްޓިގެން ނުދާނެ ކަމަށެވެ.

ހަމައެހެންމެ، ވަޒީފާގެ ފުރުޞަތު ލިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ މުސާރައަކީ އެހެން ފަރާތްތަކާއި އެއް ހަމައަށް މުސާރައެއް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަޤެއް ނުގެންގުޅޭކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިގޮތަށް ލިބޭ އާމްދަނީ ޢާއިލާގެ ޚަރަދުތައް ބައެއް ފަހަރު ހަމަޖައްސާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު އައިޝަތު ޝިހާމް ވިދާޅުވިއެވެ. ކުރިމަގުގައި މި ނިޒާމު އިތުރަށް ހަރުދަނާވެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު މުޖްތަމަޢު ދެކޭގޮތް އެއްކޮށް ބަދަލުވެގެން ދިއުމަކީ އުއްމީދެއްކަމަށް ވަޒީރު އާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު