Saturday, October 31
ޣައްޒާގައި ގަދަ ފިނީގެ ސަބަބުން ދެ މަހުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ

ޣައްޒާގެ ފިނި މޫސުމުގެ ގަދަ ފިނީގައި، އުމުރުން އެންމެ ދެ މަހުގެ މުޙައްމަދު އަބޫ ހަރުބިދު ވެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ ޝިކާރައަކަށެވެ. މި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ވަނީ ހިޔާވަހިކަމާއި، ހޫނުމިނާއި، ދިރިހުރުމަށް ބޭނުންވާ އަސާސީ ވަސީލަތްތަކުން މަހްރޫމްވެފައެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުގެ ހެލްތު އިންފޮމޭޝަން ޑިރެކްޓަރ، ޒާހިރު އަލް-ވަހީދީ "އަލްޖަޒީރާ" އަށް މައުލޫމާތު ދެއްވި ގޮތުގައި، އެ ތުއްތު ކުއްޖާ ނިޔާވީ ގަދަ ފިނީގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް ދަށްވެގެން (ސިވިއަރ ހައިޕޯތާމިއާ)، އަލް-ރަންތީސީ ކުޑަކުދިންގެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މުޙައްމަދުގެ މަރާއެކު، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޣައްޒާގައި ގަދަ ފިނީގެ ސަބަބުން މަރުވި ކުޑަކުދިންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ފެށި ގަތުލުއާންމަށްފަހު، މިހާތަނަށް ފިނީގެ ސަބަބުން ޖުމްލަ 12 ކުޑަކުދިން ވަނީ މަރުވެފައެވެ.

މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ފިނިގަދަވަމުންދާ މި ދަނޑިވަޅުގައި، ގެދޮރު ގެއްލިފައިވާ އެތައް ހާސް އާއިލާއެއް ދަނީ އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލަމުންނެވެ. އަދި މި ހިތްދަތި ހާލަތުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަނީ މުޖުތަމައުގެ އެންމެ ނިކަމެތި އަދި ބަލިކަށި ފަރާތްތަކަށެވެ.                  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު