ސަރުކާރުން ފޯރުކޮށްދޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުންތަކަކީ، މުސްތަގްބަލަށް މުޖުތަމަޢު އަމާންކުރުމަށްޓަކައި ނިންމަވާ ނިންމެވުންތަކެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އެލަވަންސްގެ އަދަދު ބޮޑުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމާއެކު، އޭގެ ފައިދާ ކުރިއަށް އޮތް ތިން އަހަރު ވެސް ފެނިގެންދާނެ ކަމުގައިވެސް ވަޒީރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބުނީ ކުއްޖަކަށް 1000ރ. އެވެ. މި ސަރުކާރުން މިހާރު ވަނީ އެ އަދަދު ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި، އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ. އަދި އެ އުޞޫލަށް ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު އުއްމީދަކީ އާއިލާތަކުގެ ނިކަމެތިކަން ނައްތާލައި ކުރިމަގަށް އާއިލާތައް ބިނާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.




