ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ހާއްސަ އިނާމުތަކެއް ހޯދުމަށް މަގުފަހިވާ ޕްރޮމޯޝަން، 'ރަން ފުރުސަތު' 2026 ފަށައިފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި ޖަނަވަރީ 10 އިން މާރިޗު 16 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނި ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށެވެ.
އަދި ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށާއި، މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށް ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.




