އާދިއްތަ, October 11
އިންޑިއާގައި 19 އަހަރުގެ އަންހެނަކު ގޭންގްރޭޕް ކޮށްފި

އިންޑިއާގައި ރޭޕްއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ: ސައްޖަދު ޙުސައިން / އޭއެފްޕީ / ގެޓީ އިމޭޖެސް

އިންޑިއާގެ ޗައްތީސްގަރުގެ ކޯރްބާ ޑިސްޓްރިކްޓުގައި 19 އަހަރުގެ އަންހެނަކު ގޭންގް ރޭޕްކުރި ކަމުގެ ތުހުމަތުގައި، ކުއްލި އެހީގެ ނަންބަރު 112 ގެ ޚިދުމަތުގައި މަސައްކަތްކުރާ ޑްރައިވަރަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަންކިމޮންގްރާ ފުލުސް ސްޓޭޝަންގެ އިހުތިސާސް ހިމެނޭ ސަރަހައްދުގައެވެ. އަނިޔާ ލިބުނު އަންހެންމީހާ ހުށަހެޅި ޝަކުވާއާ ގުޅިގެން ފުރަތަމަ މައްސަލަ ރިޕޯޓްކުރީ ސިވިލް ލައިންސް ފުލުސް ސްޓޭޝަނަށެވެ. ނަމަވެސް ފަހުން ވަނީ ބަންކިމޮންގްރާ ސްޓޭޝަނަށް މައްސަލަ ބަދަލުކޮށް، ހުކުރު ދުވަހު ރަސްމީކޮށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މައްސަލައިގައި އިސްކޮށް ހުރި "ޑަޔަލް 112" ގެ ޑްރައިވަރު، އެ އަންހެންމީހާއަށް ރޭގަނޑު 11 ޖަހާކަންހާއިރު ގުޅައި، އޮޅުވާލައިގެން ބަންކީ ސަރަހައްދުގެ ފަޅު ގެއަކަށް ގެންދިޔައީއެވެ. އެތަނުގައި އެ ޑްރައިވަރާއި އިތުރު ހަތަރު މީހަކުވެގެން އެ އަންހެންމީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެއެވެ.

މި ހާދިސާއަށްފަހު، އަންހެންމީހާ ހޭނެތިފައި އޮއްވާ އެ މީހުން ވަނީ އެތަނުން ފިލާފައެވެ. އޭނާއަށް ހޭލެވިގެން ގެއަށް ގޮސް އާއިލާއަށް އެކަން އެންގުމުން، އާއިލާއިން ވަނީ އޭނާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަށް މިހާރު ދަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގެ ފަރާތުން ފުލުހުންނަށް މިކަން އެންގުމާ ގުޅިގެން، ފުލުހުންގެ އިސް އޮފިޝަލުންނަށް މައްސަލައިގެ މައުލޫމާތު ވަނީ ހިއްސާކޮސްފައެވެ. އަދި ޑިސްޓްރިކްޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން، ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ހާއްސަ ޓީމެއް އެކުލަވާލިއެވެ. ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި، 112 ގެ ޑްރައިވަރާއެކު ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރެއިން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ސިދާތު ތިވާރީ ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޑްރަވައިރަކާއި އިތުރު މީހަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ އިތުރު ތިން މީހުންވެސް ވަރަށް އަވަހަށް ހައްޔަރުކުރެވިގެންދާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު