Saturday, October 31
ހިޒްބުއްލާ އާއި ހަމާސް އަށް ކަމަށް ބުނެ އިޒްރޭލުން ލުބުނާނަށް ބޮން އަޅައިފި

ލުބުނާނުގެ އިރުމަތީ އަދި ދެކުނުގެ ހަތަރު އަވަށެއް ހުސްކުރުމަށް އަމުރު ނެރުމަށްފަހު، އިޒްރޭލުގެ އަސްކަރިއްޔާއިން އެ ސަރަހައްދުތަކުގައި ހުރި ހިޒްބުއްލާ އާއި ހަމާސްގެ އަމާޒުތަކަށް ކަމަށް ބުނެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިޒްރޭލު ސިފައިންގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، މި ވައިގެ ހަމަލާތައް އަމާޒުކުރީ ލުބުނާނުގެ އިރުމަތީ ބިކާ ވާދީގައި ހިމެނޭ ހައްމާރާ އާއި އައިން އަލް-ތީނާގެ އިތުރުން، ދެކުނުގެ ކަފްރް ހައްތާ އާއި އަނާންގައި ހުރި އަސްކަރީ އުމްރާނީ ވަސީލަތްތަކަށެވެ.

ކަފްރް ހައްތާގައި ހުރި އޭއެފްޕީ ނިއުސް އެޖެންސީގެ ފޮޓޯގްރާފަރަކާ ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އިންޒާރާ އެކު އެ އަވަށުގެ އެތައް އާއިލާއެއް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. އެ ސަރަހައްދުގައި އިޒްރޭލުގެ ޑްރޯންތައް ހަރަކާތްތެރިވަމުންދާއިރު، އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ ލޮރީތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

އެމެރިކާ މެދުވެރިވެގެން 2024 ވަނަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެކު، އިޒްރޭލު ސިފައިންނާއި ހިޒްބުއްލާ އާ ދެމެދު ހިނގަމުންދިޔަ ކުރިމަތިލުންތައް ނިމުމަކަށް އައި ނަމަވެސް، އިޒްރޭލުން ދަނީ ތަކުރާރުކޮށް އެ އެއްބަސްވުމާ ޚިލާފުވެ ލުބުނާނަށް ބޮން އަޅަމުންނެވެ. މީގެ އިތުރުން ލުބުނާނުގެ ފަސް ސަރަހައްދެއް އަދިވެސް އޮތީ އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައެވެ.

ހިޒްބުއްލާގެ ހަތިޔާރުތައް އަތުލުމަށް އެމެރިކާއާއި އިޒްރޭލުން ލުބުނާނުގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާއިރު، އިޒްރޭލުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފާނެ ކަމުގެ ބިރު ލުބުނާނުގެ ލީޑަރުންނަށް ވަނީ ހީވެފައެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން އުންމީދު ކުރަނީ، އިޒްރޭލުގެ ބޯޑަރާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ލިތާނީ ކޯރުގެ ދެކުނު ސަރަހައްދުން ހިޒްބުއްލާގެ ހަތިޔާރު އެޅުން 2025 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް، އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިދިއޯން ސާރް އާދިއްތަ ދުވަހު ބުނީ، ހިޒްބުއްލާގެ ހަތިޔާރުތައް އަތުލުމަށް ކުރާ މަސައްކަތްތައް އެކަށީގެންވާ ވަރަށްވުރެ މާ ބޮޑަށްވެސް މަދު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު