Saturday, October 31
ދިއްދޫ އެއާޕޯޓާއި ބޯހިޔާވަހިކަން އަދި އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަސާސީ އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

ދިއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި ބިން ހިއްކުމަކީ ހަމައެކަނި ބިން އިތުރުކުރުން ނޫން ކަމަށާއި، އޭގެ ސަބަބުން ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، އާންމު ހިދުމަތްތައް ވަރުގަދަވެ، ދިއްދޫގެ އިތުރުން ކައިރި ރަށްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ގޮތަށް ރޭވުންތެރިކަމާއެކު ކުރިއަށްދާ ތަރައްގީގެ މަޝްރޫއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވައިގެ މަގުން ގުޅާލެވުމުން ސިއްހީ ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، ދަރިވަރުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަތުރުފަތުރަށް ލުއިލިބި، ވިޔަފާރި ފުޅާވެ، ސަރަހައްދީ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރައްކާތެރި ބޯހިޔާވަހިކަމާއި ފުރިހަމަ ވަސީލަތްތަކާއެކު ދިރިއުޅެވޭނެ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ރޭވުންތެރިކަމާއެކު ބޯހިޔާވަހިކަން ތަރައްގީކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖުކުރުމާއި، މަގުތައް ހެދުން ފަދަ އަސާސީ ހިދުމަތްތަކަކީ އާންމު ސިއްހަތާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށެވެ. އަދި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި މަޝްރޫއަކީ ރަށްރަށުގެ މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި، ހިދުމަތްތައް ހޯދުމުގައި ހުރި ފަރަގުތައް ކުޑަކުރުމަށާއި، ދައުލަތުގެ މާލީ ނިޒާމަށް ބުރަ ނުވާނެހެން ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވަމުންނެވެ. މި މަސައްކަތުގެ ސަބަބުން ދިއްދޫއަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން އާ ފުރުސަތުތައް ހުޅުވި، ރައްޔިތުންގެ އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރާއި، މިމަޝްރޫއު ހިންގާ އެމްއޭސީއެލްގެ މަންދޫބުންނާއި، ދިއްދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު