Saturday, October 31
ޒަކާތު ފަންޑު ބެލެހެއްޓުމަށް އެމްއެމްއޭ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޒަކާތު ފަންޑު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްއޭއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެމްއެމްއޭއާއި ހަވާލުކުރެވިގެން ދިޔުމަކީ މިނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ، މުޙިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެމަސައްކަތުގެ ތެރެއިން ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލާ، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޚާއްޞަ އިދާރާއެއް ވަނީ މި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އުފައްދަވާފައެވެ. ޒަކާތު ޤާނޫނުގެ ދަށުން ޒަކާތު ފަންޑުގެ ކަންކަން ބެލެހެއްޓުން މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޙަވާލުކުރަން ޖެހެނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެވެ. ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ، ޕަބްލިކް އެކައުންޓާއި ވަކިން އެމްއެމްއޭގައި ޤާއިމުކުރާ ފަންޑެއްގައި ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިފަންޑުން އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް، ރަނގަޅު ފައިދާއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު