Monday, November 2
އޭޖިން ޕޮލިސީއެއް އެކުލަވާލާ ތަންފީޒުކުރަން ތައްޔާރުވެއްޖެ

ނޭޝަނަލް ޕޮލިސީ އޮން އޭޖިން' ގެ ނަމުގައި އިސްރަށްވެހިންނަށް ޚާއްޞަ ޕޮލިސީއެއް ތައްޔާރުކޮށް ނިންމައި، ކަމާ ގުޅުންހުރި އިދާރާތަކާއެކު ތަންފީޒުކުރަން ތައްޔާރުވެފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ނޭޝަނަލް ޕޮލިސީ އޮން އޭޖިން ކުރިއަށްގެންދިޔައީ ރާއްޖޭން ބޭރުގެ އެހީތެރިކަމާއި، ރާއްޖޭގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއްގެ މަޝްވަރާއާއެކު ކަމަށެވެ.

ޕޮލިސީ ކަނޑައެޅީ ކުރިއަށް އޮތް ފަސް އަހަރަށް ކަމަށާއި، މިހާރު އެ ޕޮލިސީ އެކްޝަން ޕްލޭނަކަށް ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ޕޮލިސީއާއެކު ކުރިއަށް އޮތް ފަސް އަހަރު އިސްރަށްވެހިންނަކީ ޝަރަފްވެރި، އަބުރުވެރި އަދި ހިތްހަމަޖެހިގެން އުޅޭ މުޖުތަމަޢުގެ ބައިވެރިންގެ ގޮތަށް އެމީހުންގެ ދިރިއުޅުން ބައްޓަންކުރުމަށްޓަކައި މަސައްކަތް ކުރެވިގެންދާނެއެވެ.

ކަމާގުޅޭ މުއައްސަސާތަކާއެކު ޕޮލިސީއަށް ޢަމަލުކުރަމުންގެންދާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ހުރިހާ މުއައްސަސާއަކުން ޕޮލިސީގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ އުފާވެރި ރާސްތާ ޕްރޮގްރާމް 11 އަތޮޅެއްގައި މިހާތަނަށް ކުރިއަށްގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، އެ ޕްރޮގްރާމްތަކުގައި ހާހަކަށް ވުރެ ގިނަ އިސްރަށްވެހިން ބައިވެރިވެ އެމީހުންގެ ބައިވެރިވުން ވަރަށް ރަނގަޅަށް ލިބިފައިވާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު