ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ބ. ތުޅާދޫއަށް ވަޑައިގެންފިއެވެ.
ވަޒީރު ތުޅާދޫއަށް ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާއި އެ އަތޮޅު އުތުރުބުރީ މީދޫ ކައުންސިލުގެ ފަރާތުން މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ތުޅާދޫ ކައުންސިލާއި ރ. މީދޫ ކައުންސިލު ގުޅިގެން ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ޤަދީމީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރ. މީދޫ ރައްޔިތުން އެއްބައިވަންތަކަމުގެ ދަތުރެއް ބ. ތުޅާދޫއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ބ. ތުޅާދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދެރަށު ރައްޔިތުން އެކުގައި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމާއި، ތުޅާދޫ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމާއި، ރައްޔިތުން އެކުވެ އެކުވެރިކަމުގެ ޝުޢޫރު ފާޅުކުރުމާއި އަތާ އަތްގުޅާލުމުގެ އިތުރުން މީދޫ ރައްޔިތުންގެ ޝަރަފުގައި ޖާފަތެއް ބޭއްވުމަށް ތުޅާދޫ ކައުންސިލުން ނިންމާފައިވާ ކަމަށް ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށް ޓަކައެވެ.




