އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.
އެ ދެ ބޭފުޅުންގެ މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައެވެ.
ބައްދަލުވުމަށްފަހު ރައީސް ނަޝީދުއާއި ރައީސް ޞާލިޙް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެބަސްވުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އޭރުގައި ދިމާވި ކަންތައްތަކަކީ ވެގެން ވާނެ ކަންކަމެއް ނޫން ކަމަށާ، އެހެން އެކަން ދިމާވީ ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ދިއައީމަ ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެ ދެރައީސުން މިހާރު ތިއްބެވީ އެއްބޭފުޅެއް އަނެއް ބޭފުޅެއްގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކާ ނުވަތަ ކިޔުއްވި ފާޑުކިޔުންތައް ފަހަތަށް ޖައްސާލުމަށްފަހުގައި ކަމަށެވެ.
ނަޝީދާއި އިބޫ ބައްދަލުކުރެއްވި އިރު، ނަޝީދާއި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވެސް ވަނީ މިފަހުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.




