ރ. ދުވާފަރުން މަސްތުވާތަކެއްޗާއެކު ފަސް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 19 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ލިލީމާގެ، މުޙައްމަދު ޝައްފާން (29އ) އާއި ރ. ދުވާފަރު / ސައިޑްރިވަރ، އަޙްމަދު ޢާޞިމް (38އ) އާއި ރ. ދުވާފަރު / ޗަމްޕާގެ، އަޙްމަދު ސާއިފް ޢަބްދުއްޝުކޫރު (28އ) އާއި ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ، ސިޔާމް މުޙައްމަދު (34އ) އަދި ޅ. ނައިފަރު / ސަބީނާ، މުޙައްމަދު ސަޢީދު (43 އ) އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މީހުންގެ ތެރެއިން އަޙްމަދު ޢާޞިމް 10 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





