Friday, November 13
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ ދެކަނބަލުން 17 އަހަރަށް ޖަލަށްލާން ޙުކުމް ކޮށްފި

ދައުލަތުގެ އަގުހުރި ހަދިޔާތައް ގަވާއިދާ ޚިލާފަށް ހިފަހައްޓައި ވިއްކުމުގެ ކުށް ސާބިތުވެ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބިބީ، 17 އަހަރަށް ޖަލަށް ލުމަށް ޕާކިސްތާނުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިން ގަހަނާތަކެއް ހިމެނޭ ގޮތަށް، މާކެޓު އަގަށް ވުރެ މާ ދަށް އަގަކަށް ދައުލަތަށް ލިބިފައިވާ އެކިއެކި ހަދިޔާތައް ވިއްކިކަމުގެ ތުހުމަތެވެ. މި ތުހުަމަތުތައް އިމްރާން އަދި އޭނާގެ އަނިބިކަނބަލުން ވަނީ ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ ޤާނޫނުތައް ބުނާގޮތުން، ބޭރުގެ ޢިއްޒަތްތެރިންގެ ހަދިޔާތައް ގެންގުޅެވޭނީ، އޮފިޝަލުން އެ ހަދިޔާތައް މާކެޓު ރޭޓުގައި ގަނެގެންނެވެ. އަދި އެ ތަކެތި ވިއްކައިގެން ލިބޭ އެއްވެސް ފައިދާއެއް އިޢުލާންކުރަން ޖެހެއެވެ. އެހެންނަމަވެސް ދަޢުވާކުރި ފަރާތްތަކުން ބުނެފައިވަނީ އިމްރާންގެ ދެކަނބަލުން ވަނީ ބާޒާރުމަތީ އަގު 285،521 ޑޮލަރަށް އަރާ އެ ތަކެތި އެންމެ 10،000 ޑޮލަރަށް ގަނެގެން އޭގެއިން ފައިދާ ނަގައިފައެވެ.

އިމްރާން ޚާންގެ ސަޕޯޓަރުން ވަނީ އޭނާގެ މައްޗަށް ކޯޓުން އިއްވި ޙުކުމް ކުށްވެރިކޮށްފައެވެ. އަދި އޭނާގެ ތަރުޖަމާނު، ޒުލްފިކާރު ބުޚާރީ ވިދާޅުވީ ޖިނާއީ ދައުވާ އުފުލާފައިވަނީ ނިޔަތެއް، ފައިދާއެއް ނުވަތަ ގެއްލުމެއްގެ އެއްވެސް ހެއްކެއް ނެތި ކަމަށާއި، އޭގެ ބަދަލުގައި ގަވާއިދުތައް އަލުން މާނަކުރުމަށް ބަރޯސާވެގެން ކަމަށެވެ.

2018 އިން ފެށިގެން 2022 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރުކުރަން ކުރެއްވި 73 އަހަރުގެ އިމްރާން ޚާން މަޤާމުން ދުރުކުރީ އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު