Saturday, October 31
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް 2025 ފާހަގަކުރުމަށްޓަކައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން ގުޅިގެން ޚާއްސަ ޕެނަލް ޑިސްކަޝަންއަކާއި ދެ ވެބިނާ ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން، މި ހަރަކާތަކުގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން ސްޕީޗް ޕެތޮލޮޖިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުން، ޑައިޓީޝަނުން އަދި ފިޒިއޮތެރަޕިސްޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.

އިޖުތިމާޢީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕެނަލް ޑިސްކަޝަން ގެ ތެރެއިން ޝާމިލުކުރަނިވި ޚިދުމަތް ފޯރުކޮށްދިނުމުގައި ތެރަޕިސްޓުންގެ ދައުރާއި ބެހޭ މުހިއްމު މަޢުލޫމާތު މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީގެ ހިދުމަތުގެ ތެރެއިން ގެނެވޭ ކުރިއެރުންތަކަކީ ކޮބައިކަމާއި ކުދިން ދިރިއުޅޭ މާހައުލުގެ ތެރެއިން ވަށާޖެހޭގޮތެއްގައި ފޯރުކޮށްދެވޭ އެހީތެރިކަމުގެ ސަބަބުން ލިބޭ ފައިދާތަކާއި، ގޭތެރޭގެ އާއްމު އުޅުމުގައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، މަލްޓި-ޑިސިޕްލިނަރީ ޓީމެއްގެ ގޮތުގައި ހިދުމަތްދޭ ފަރާތްތަކުން މަސައްކަތްކުރުމުގެ މުހިއްމުކަމާއިބެހޭގޮތުން ވާހަކަދެކެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ރަޖިސްޓަރީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، މި މަހުގެ 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރ ގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހެދިބޮޑުވުމުގެ އެކި މައްސަލަތައް ދިމާވާ ކުދިންނާއި ފަރާތްތަކަށް ކެއުންބުއިމުގައި ސަމާލުވާނެ ގޮތްތަކާއި ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެ ކަމަށް އިޖުތިމާޢީ ވުޒާރާއިން ހާމަކުރެއެވެ.

އަދި 20 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހެދިބޮޑުވުމުގެ މައްސަލަތައް ދިމާވާ ކުދިންނާއި ފަރާތްތަކަށް ގޭތެރޭގެ މާހައުލުގައާއި އާއްމު ދިރިއުޅުމުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ވެބިނަރތަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު