ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖްޕާލާ ތަންތަން ބަންދުކުރުމަށް ފެށި މަސައްކަތުގެ ދަށުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސާޖު ޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ. ރައްޔިތުންގެ މި ކަންބޮޑުވުންތަކާއި އެކު ފެށުނުނު މި މަސައްކަތުގެ ތެރެއިން އޮންނަ އުޞޫލްގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެކަންކަން މިފަދަ މަސާޖްޕާލާތައް ހުއްޓުވުމުަށްޓަކައި އިތުރަށް އިސްކަން ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިވީ ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 24 ތަނަކީ އޮޕަރޭޝަންގެ ތެރެއިންް ބަންދުކުރި ތަންތަންކަމަށް މިރޭ ރައީސް ވިދާޅުވިއެވެ.





