Saturday, October 31
ސިނގިރޭޓް ކޮންޓެއިނަރ ވަގަށްނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދަޢުވާކުރަން ކޯޓަށް ހުށަހަޅައިފި

26 އެޕްރީލް 2025 ގައި ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 10 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި 11 މީހުންގެ ތެރެއިން، މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ 10 މީހެއްގެ މައްޗަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދަޢުވާކުރަން ހުށަހެޅި މީހުންނާއި އެ މީހުންނަށް ކުރަން ހުށަހެޅި ދަޢުވާތައް:

  • ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ.

2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

  • ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.

2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ  ކުށުގެ ދަޢުވާ.

  • ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.

  • ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ.

މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕީޖީން ބުނެއެވެ.

އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު