ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި އެއާޕޯޓުގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ.

އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރާނެ ކަމަށެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށް މަޝްރޫޢުގައި ހިމަނާފައިވާކަމަށެވެ. މީގެ އިތުރުން، މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރު ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މި އެއާޕޯޓު ތަރައްޤީވެގެންދިއުމާއެކު އެއަތޮޅުގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.





