މިންގަނޑަށްވުރެ އިތުރަށް ނުރައްކާތެރި ކެމިކަލެއް ހުރުމުގެ ސަބަބުން ތިން ބޭހަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދެފިއެވެ.
މިގޮތުން އެމްއެފްޑީއޭ އިން ސަމާލުވުމަށް އެދިފައިވަނީ މެޓް ފޯމިކް ހައިޑްރޯކްލޮރައިޑް 750އެމްޖީ (DESON PR 750) އާއި، ރެނިޓިޑައިން 150އެމްޖީ އައިޕީ (RANITIDINE) އަދި ވިޓަމިން އޭ ޔޫއެސްޕީ 200،000 އައިޔޫ (ރެޓިނޯލް 60 އެމްޖީ) (VITAMUN A USP 200,000 I.U) އެވެ.
އެމްއެފްޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ތައިލެންޑްގެ ބެސް ރެގިއުލޭޓްކުރާ އޮތޯރިޓީން ކުރި ތަހުލީލުތަކުން މި ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަންޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރިކަމަށް ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ބެލި ބެލުމުން، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑްގެ މި ބޭސް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
ނަމަވެސް، ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ޤައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އަންގަިއފައެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓްކުރާ ބޭސް ޚާއްޞަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައިފާސްކުރަމުންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.





