އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް އޭސީސީގެ ރައީސް، އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަގަފުޅުގައި ޝާމިލް ވަނީ، 24 ސެޕްޓެމްބަރ 2008 ގައި އޭސީސީގެ ޤާނޫނު ތަސްދީޤު ކުރެވި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރ 2008 ގައި އުފެދިގެންދިޔަކަމާއި، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި، މިއީ 17 އަހަރަށް ބަހާލުމުން އަހަރަކަށް 33,183,012.22 ރުފިޔާ އަދި މަހަކަށް 2,765,251.02 ރުފިޔާކަން ފާހަގަކުރެވޭކަމަށް ޝާމިލް ވިދާޅުވިއެވެ.
މީގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަޙުޤީޤުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭކަމަށް އަންގާފައިވާކަމާއި، ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަންވެސް ޝާމިލް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޝާމިލް ވިދާޅުވީ، މި ތަފާސްހިސާބުން، ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ޚަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ (ދެ ރުފިޔާ އަށްޑިހަ ފަސްލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަށް މި ތަފާސްހިސާބުން ހާމަވާ ކަމަށެވެ.





