Friday, November 13
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް މަސްމާރުކޭޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

އުތުރު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިއުމަށް، މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާނީ ޑިސެންބަރު 8 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ. އަދި މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް ޑިސެންބަރު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމެންޓަކަށް ބަހާލައިގެން ކަމަށާއި، މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރ ހިމެނޭ ސަރަހައްދެއް ކަމަށެވެ.

އެގޮތުން، މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، ވާޓާރުގައި (އެއްގަމު ތޮށި) މާކް ޖެހިފައިވާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އެމްޕީއެލް އިން ވަނީ ސެގްމެންޓްތައް ބެހިފައިވާ ގޮތުގެ ތަފްސީލް ދައްކުވައިދޭ ޗާޓެއްވެސް އާންމުކޮށްފައެވެ.

އެހެންކަމުން، ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް، ޑިސެންބަރު 19 ވަނަ ދުވަހުގެ މެންދަމު 00:00 ނިޔަލަށް ނެގުމަށް އެމްޕީއެލް އިން ވަނީ އަންގައިފައެވެ. އަދި މިކަމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު