ރ. އިންނަމާދޫގައި މިހާރު ދަނީ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓުމުގެ މަސައްކަތް ފަށައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ސިސްޓަމް ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގެ ހަކަތަ ލިބިގަންނަ ގޮތްތަކަށް މުހިންމު ބަދަލުތަކެއް އަންނާނެއެވެ.
މީގެ އިތުރުން، މި ސިސްޓަމް ބަހައްޓައި ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އަހަރަކު 164,672 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވި، ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރު އަހަރަކު 403 ޓަނަށް ކުޑަކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރ. އިންނަމާދޫގައި ބެހެއްޓޭ މި ބެސް ސިސްޓަމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ހަކަތަ ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ ހަކަތައިގެ ބޮޑު ބައެއް ޑީޒަލުން އުފައްދަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޝްރޫޢުތަކަކީ ހަކަތައިގެ ގޮތުން މިނިވަންވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.





