މަސްވެރިން ކިރުވާ މަހަށް ސަރުކާރުން ދެއްވާ އަގަށާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބޮޑު ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވައިިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމާއި އަގުހެޔޮކޮށް ތެޔޮ ނުލިބުމުގެ މައްސަލަކަމަށެވެ. އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް އަގުދޭ އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާއަށް ގަންނަނީ ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ކިލޯއަަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، އުސޫލަށް ގެންނެވި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
މަސް ގަންނަ ރޭޓުގެ އިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް މިހާރު ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށެވެ.
މިއަދުން ފެށިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށްވެސް އެމަނިކުފާނު ރޭ ވިދާޅުވިއެވެ.
ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ، އެއީ 3 ޓަނަށްވުރެ މަތިން މަސްކިރާނަމަ 71 ލާރި އަގު ހެޔޮވާނެ، މަސްކިރާ ހުރިހާ ފަރާތްތަކަކަށް 13 ރުފިޔާ 90 ލާރިއަށް ތެޔޮ ވިއްކާނެ، 3 ޓަނަށްވުރެ ގިނައިން ކިރާނަމަ 13 ރުފިޔާ 72 ލާރިއަށް ތެޔޮ ލިބޭނެ، ޢާންމު ފަރާތްތަކަށް 14 ރުފިޔާ 43 ލާރިއަށް ތެޔޮ ގަންނަން ލިބޭނެ" ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.





