މިފްކޯގެ "މަސް ކިރާ" އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭން އިފުތިތާޙުކުރައްވައިފިއެވެ.
މިޕްލޭން އިފްތިތާހުކުރީ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ ޝަރަފުވެރިކޮށްދެއްވާފައެވެ. މި ޖަލްސާ ބާއްވަވާފައިވަނީ، ރޭ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ.
ރޭގެ ޖަލްސާގައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއާ ގުޅުންހުރި ބައެއް މަސައްކަތްތައް އިފުތިތާޙުކުރައްވައި، މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
އެގޮތުން، ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކުރައްވާފައެވެ. އަދި އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލް އާއި، ބޭންކް އޮފް މޯލްޑިވްސް "މަސްވެރިޔާ ޕޯޓަލް" އާއި، "ފްރޮމް މޯލްޑިވްސް" ބްރޭންޑްގެ ވެބްސައިޓާއި، މިފްކޯގެ "މަސް ކިރާ" އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭން މިރޭ ވަނީ އިފުތިތާޙުކުރައްވާފައެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށް އިނާމު ދެއްވާފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން އިއްޔެ އެ ރަށުގައިވަނީ، މަސްވެރިންގެ ގުންޒަރެއްވެސް ހިމެނޭހެން، މަސްވެރި ސިނާޢަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރީންނާއި، ދުވާފަރު ރައްޔިތުންނާއި، މަސްވެރި ސިނާޢަތުގައި މަސައްކަތްކުރައްވާ ގިނަ ޢަދަދެއްގެ ފަރާތްތައް ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.





