މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް(ޔޫއެޗްސީ ފޯރަމް) މިއަދު ފަށައިފިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) ކުރިއަށްދާނީ 13 ޑިސެމްބަރު އިން 14 ޑިސެންބަރ އަށް ކުރުނބާ މޯލްޑިވްސްގައެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުން ބައިވެރިވާ ފަރާތްތައް ހިމެނޭހެން 100 އަށްވުރެ ގިނަ ބައިވެރިން، މި ފޯރަމްގައި ޢަމަލީގޮތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެއެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދ އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަށް ހިމެނެއެވެ.
ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫ.އެޗް.ސީ) ގެ މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބެންހުރުމެވެ. ޔޫ.އެޗް.ސީ ޙާޞިލުކުރުމަކީ 2030 ގެ ނިޔަލަށް ޙާޞިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސް.ޑީ.ޖީ) ގައި ކަނއަޅާފއިވާ އަދި ޤައުމެއްގެ ޞިއްޙީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް މިންކުރުމަށްވެސް ބަލާ ލަނޑުދަނޑިއެކެވެ.
އެސްޑީޖީއަކީ އދ.ގެ މެމްބަރު ގައުމުތަކުން 2015 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ.
އެސްޑީޖީގެ ގޯލްސްތައް 2030އަށް ހާސިލްކުރުމަށް އަމާޒުހިފާފައިވާއިރު، ރާއްޖޭގައި ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގަ ސާވިސް ކަވަރޭޖް އިންޑެކްސެއް ވަނީ ހާސިލް ކުރެވިފައެވެ. އެގޮތުން ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށްބަލާއިރު، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޙަލަތަށް ރިޢާޔަތް ކޮށްގެން ޚިދުމަތް ދިނުމަށްޓަކައި،ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލަށް ޚިދުމަތްތައް ބައްޓަންކުރުމާ، ދުރާލާ ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއަރ "ޕްރޮގްރާމްތައް ފެށުމާ، މެޑިކަލް ޗެކަޕް ތަޢާރަފު ކުރުމާ، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ހިމެނެއެވެ. މީގެ އިތުރުން، އިމަރޖެންސީ ސިއްޙީ ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދާ، ކުއްލި ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފުކުރުމާ، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ހަރުދަނާ ކުރުމާއި، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ޞިއްޚީ މައުލޫމާތު މި ދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ދެމެހެއްޓެނިވި ތަރައްޤީގެ ޞިއްޙަތުގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން ނޮން ކޮމިއުނިކޭބަލް ޑިޒީޒް (އެންސީޑީ) ނުވަތަ ގައިގަޔަށްނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްހުރި ގޮންޖެހުންތަކާއި ހެލްތު ފައިނޭންސިންގ އާއި، މުވައްޒަފުން ލިބުމުގެ ދަތިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ޞިއްޙީ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން މިނިޒާމުގެ ނާޒުކުކަން އިތުރަށް ބޮޑުވެގެންދެއެވެ.
ޔޫ.އެޗް.ސީ ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ފަރުދީ، އާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާޢިމުކޮށް ދެމެހެއްޓުމަށް ޞިއްޙަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ޞިއްޙީ ނިޒާމު ޤާއިމުކުރުމާއި އެކިއެކި ޚިދުމަތްތައް ޚިދުމަތް އަމާޒުވާ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން ޔޫ.އެޗް.ސީ ގެ ލަންޑުދަނޑިތައް ޙާޞިލުވާނޭހެން އިންތިޒާމު ކުރުމަކީ ޔޫ.އެޗް.ސީގެ ސިޔާސަތުގެ އަސާސީ ސިފަތަކެވެ.
އެހެން ޤައުމުތަކުގެ ތަޖްރިބާއަށްބަލާ،އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފއިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލު ކުރުމަށް 2026 އިން 2030 އަށް މަގު ޗާޓެއް އެކުލަވާލުމާއި، އަދި މި މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތަކާއި ކަންކަމާއިމެދު މި ފޯރަމްގައި މަޝްވަރާކޮށް ނިންމުންތައް ނިންމުމަށް ހަމަޖެހިފައިވެއެވެ.





