ރ. މާކުރަތުގައި އިމާރާތްކުރި ފުލުހުންގެ މަަރުކަޒު ހުޅުވައިފިއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި، މާކުރަތު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫޢެކެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.





